ފުރަގަސްފަރާތް ބޭނުންކުރުމަށްފަހު ތައުބާވުން.

Sunday, January 31, 2010 0 comments

މިސާލަކަށް ފުރަގަސްފަރާތް ބޭނުންކޮށްގެން ޖިންސީއެދުން ފުއްދި ދެމަފިރިއަކު ތައުބާވާނީ ކިހިނެތް؟ އަދި އެ ދެމީހުން ވަރިވާނެތަ؟

އައްޝައިޚް އަހްމަދް ސަމީރް އިބްރާހީމް
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފުރަގަސް ފަރާތް ބޭނުން ކުރުމަކީ ބޮޑުފާފައެކެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ. مَلْعُونٌ مَنْ أَتَى امْرَأَتَهُ فِي دُبُرِهَا " سنن أبي داود މާނައީ " އެމީހެއްގެ އަނބިމީހާގެ ފުރަގަސްފަރާތުން ގުޅުން ހިންގައިފިމީހަކީ މަލްޢޫނެކެވެ." އެބަހީ ލަޢުނެއްލެއވިގެންވާ މީހެކެވެ. ނަމަވެސް ކޮންމެ ފާފައަކީވެސް ތައުބާވެވޭނެ ފާފައެކެވެ. ތައުބާވުމަކީ އޭގެ ޝަރުޠުތައްހަމަވާނަމަ މާތް ﷲ ކޮންމެ މީހެއްގެ ތައުބާވެސް ޤަބޫލުކުރައްވާނެއެވެ.
ތައުބާގެ ޝަރުޠުތަކަކީ :
1- ކުރަމުންއައި ފާފައައިން ދުރަށްދިޔުން.
2- އެފާފަކުރެވުނުކަމާއިމެދު ދެރަވެ ހިތާމަކުރުން .
3- ދެވަނަފަހަރަށް އެފާފައަށް އެނބުރި ނައުމަށް އިޚްލާޞްތެރިކަމާއެކު ޢަޒްމު ކަނޑައެޅުން.
4- އެކުރި ފާފައަކީ މީހެއްގެ ޙައްޤަކާއި ގުޅުމެއްވާ ކަމެއްނަމަ އެމީހެއްގެ ފަރާތުން ހިތްހަލާލު ހޯދުން، ނުވަތަ އެކަމެއްގެ ބަދަލުދިނުން.
މިޝަރުޠުތައްހަމަވާނަމަ މާތް ﷲ އެމީހެއްގެ ތައުބާ ޤަބޫލުކުރައްވާނެއެވެ.
އެކަމަކީ ބޮޑުފާފައެއްކަމުގައި ވިޔަސް އެމީހެއްގެ އަނބިމީހާ ވަރިއެއް ނުވާނެއެވެ.

والله أعلم
އިތުރު ސުވާލާއި ޖަވާބު: mvislaqa

ދަރަންޏަށް ދީފައިހުންނަ މުދަލުން ޒަކާތް ނެރުން

0 comments

ޒަކާތް ދޭއިރު މީހަކަށް ދަރަންޏަށް ދީފައި، ނުވަތަ ކްރެޑިޓްއަށް ދީފައިހުންނަ މުދަލުން ޒަކާތް ނެރެން ޖެހޭނެތޯ؟

އައްޝައިޚް ޢިމްރާން ޢަބްދުﷲ

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

މީހަކަށް ދަރަންޏެއް ނުވަތަ ޒަކާތް ވާޖިބުވާފަދަ މުދަލެއް ކުރެޑިޓަށް ދީފައިވާ ނަމަ އެއިން ޒަކާތް ދިނުމުގައި ދަރަނި ނުވަތަ މުދާ ދީފައިވާ މީހާގެ ޙާލަތައް ބަލަން ޖެހޭނެ ކަމަށް ޢިލްމު ވެރިން ވިދާޅުވެއެވެ. އެފަދަ ދަރަނި ނުވަތަ މުދަލުގައި 2 ޙާލަތެއް ވެއެވެ.

ފުރަތަމަ ޙާލަތަކީ ދަރަނި ނުވަތަ ކުރެޑިޓަށް މުދާ ނެގި މީހާ އަކީ ދަރަނި އަދާ ކުރުމަށް އެދެވުނު ކޮންމެ ވަގުތެއްގައި ދަރަނި އަދާކުރުމުގެ ތަނަވަސްކަން ހުރުމާ އެކު ދަރަންޏަށް އިންކާރު ނުކުރާމީހަކު ކަމުގައިވުމެވެ. މި ޙާލަތުގައި ޒަކާތް ނެރުމާ މެދު ޢިލްމުވެރިން 2 ގޮތަކަށް ވިދާޅުވެ އެވެ. 1- ދަރަނި ނުލިބުނު ކަމުގައިވިޔަސް ކޮންމެ އަހަރަކަށް ޒަކާތް ދައްކަމުން ދިއުމެވެ. އެހެނީ އެ ދަރަންޏަކީ ވަދީޢާ{ މީހަކު އަތަށް ފޮރުވަން ދީފާއިވާ އެތި} އާ އެއް ފަދަ އެއްޗެކެވެ. އަބޫ ޢުބައިދާ ދެކެވަޑައި ގަންނަވާ ގޮތަކީ މީއީ އެވެ. 2- ދަރަނި އަނބުރާ ލިބުމުން ފާއިތުވެ ދިޔަ ހުރިހާ އަހަރަކަށް ޒަކާތް ދައްކާނީ އެވެ. މިގޮތައް ވިދާޅުވާ ބޭފުޅުންގެ ތެރޭގައި އިބުނު ޢުމަރް، ޘައުރީ، އަބޫ ޘައުރް، ޖާބިރް، ޠާވޫސް، ނަޚްޢީ އަދި އިމާމު ޝާފިޢީ ހިމެނި ވަޑައި ގަންނަވައެވެ.

އިތުރަށް ވިދާޅުވުމަށް: އެމްވީ އިސްލާމް ކިޔުއޭ

ފަންޑިތަ ހެދުން ހުއްދަވާ ސަބަބެއް އޮވޭތޯއެވެ. ފަންޑިތަ ހެދުމުގައި ހުއްދަ ކަންތައްތަކަކީ ކޮބާތޯ؟

0 comments
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފަންޑިތައިގެ ތެރޭގައި ހިމެނެނީ ހުއްދަ ކަންތާކާއި ޙަރާމް ކަންތަކެވެ. އެކަން ބިނާވަނީ އެކުރާ ކަންތައްތަކެއްގެ މައްޗަށެވެ. މިސާލަކަށް ތަވީދު އެޅުމަކީ ޙަރާމްކަމެކެވެ.

ފަންވަތް އެޅުމަކީ ޙަރާމްކަމެކެވެ. ސިޙުރުގެ ކޮންމެ ޢަމަލަކީ ޙަރާމްކަމެކެވެ. އެކަމެއްގައި ﷲ އަށް ޝަރީކު ކުރުން ހިމެނޭ ކޮންމެ ކަމަކީ ޙަރާމްކަމެކެވެ. އެކަމެއްގައި ﷲ ގެ ކަލާމްފުޅަށް އިހާނެތިކޮށް ހިތިދާނެ އެއްވެސްކަމެއް ހުއްދަވެގެން ނުވެއެވެ. މިސާލަކަށް ޤުރްއާނުގެ އާޔަތެއް ނުވަތަ ﷲ ގެ އިސްމުފުޅެއް ލިޔެފައި ނިދާއެނދު ދޮށަށްލުން ނުވަތަ ނިދާ ބާލީސްދޮށަށް ލުން . ނުވަތަ ވަޅުލުން ފަދަކަންކަމަކީ ހުއްދަކަންކަމެއް ނޫނެވެ. ޢާއްމުގޮތެއްގައި ކޮންމެ ބައްޔަކަށް ވެސް ފަރުވާއެއްގެ ގޮތުން ކިޔެވުން ނުވަތަ ކިޔަފާވައި ފުމުން ނުވަތަ ފެނަށް ކިޔަވާފައި ބުއިން ނުވަތަ ގައިގައި އުނގުޅުން ، ނުވަތަ މެތުރުން މިކަންކަމަކީ ހުއްދަކަންކަމެކެވެ. އެއީ ވަކިޝަރުޠުތަކެއްހަމަވާނަމައެވެ. އެ ޝަރުޠުތަކަކީ :

ހ- އެ ކިޔަވާ އެއްޗަކީ ކީރިތި ޤުރްއާން ނުވަތަ މާތް ﷲ ގެ ޞިފަފުޅުތަކާއި އިސްމުފުޅުތައްކަމުގައި ވުން. ނުވަތަ ސުންނަތުން ޘާބިތު ޢިބާރާތެއްކަމުގައި ވުން.

ށ- ޢަރަބި ބަހުން ނުވަތަ އެހެން ބަހަކުންވިޔަސް އެކިޔާ އެއް ޗެއްގެ މާނަ އެނގޭ ފަދަ ގޮތަކަށް ކިޔެވުން.

ނ- އެ ކަންމަކަމަކީ އޭގެ ޒާތުގައި އަސަރުކުރުވާ ކަމެއްނޫންކަމާއި ، ނަމަވެސް އެއީ ސަބަބެއް ކަމާއި އެކަންކަމުން ފައިދާ ވާނީ މާތް ﷲ ގެ އިޛްނަ ފުޅާއެކު ކަމަށް ފަރުވާ ދޭ މީހާއާއި ފަރުވާ ލިބިގަންނަ މީހާ ޤަބޫލު ކުރުމެވެ. والله أعلم

ޖަވާބު ދެއްވީ – އައްޝައިޚް އަހްމަދް ސަމީރް އިބްރާހީމް –


ނަމާދު ކުރުމުގަ އަވަސް އަރުވާލުން

Thursday, January 7, 2010 0 comments
އަޅުގަނޑުގެ ސުވާލަކީ ނަމާދު ކުރާއިރު ބައެއް ބޭރުމީހުން، މިސާލަކަށް ބަންގާޅު / ލަންކާ މީހުން، ވަރަށް އަވަސް އަރުވާލައިގެން ހުރިހާ ނަމާދެއް ކޮށް ނިންމާލައެވެ. ނުވަތަ ނަމާދުގައި ކިޔާތަކެތި އޭނާއަށްވެސް ނޭނގޭހާ ހަލުއިކޮށް ނަމާދު ނިންމާލައެވެ. މިގޮތަށް ނަމާދުކުރުން ރަނގަޅުވާނެތޯ؟


بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

ނަމާދަކީ ﷲ އާއި އަޅާއާއި ދެމެދުގައި ގުޅާލެލޭ ގުޅާލެވުމެކެވެ. އެއީ މުއުމިނުންގެ މިޢުރާޖެވެ. އިސްލާމްދީނުގެ ތަނބެވެ. އެތަނބު މުގުރާލައިފި މީހާ އޭނާގެ ދީން މުގުރާލައިފިއެވެ. އެތަނބު ޤާއިމުކޮށްފި މީހާ އޭނާގެ ދީން ޤާއިމުކޮށްފިއެވެ.

ނަމާދަކީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ އަޅުކަމެވެ. މިއަޅުކަން އަދާކުރަންޖެހޭގޮތް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދަސްކޮށްދެއްވާފައެވެ.

ނަމާދުގައި ކުރަންޖެހޭނީ މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކުގައެވެ. ތިމާ މިވަގުތު ހުއްޓި މިހުރީ ޢާލަމްތަކުގެ ވެރި އިލާހުގެ ދަރުބާރުގައި އެއިލާހަށް މުނާޖާ ދެންނެވުމުގައި ކަން ދަނެގެންނެވެ. އެހެންކަމުން ނަމާދު ކުރަންޖެހޭނީ މަޑުމައިތިރިކަމާއެކުގައެވެ.

އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިސްކިތުގައި ވަޑައިގެން އިންނަވަނިކޮށް މީހަކު އައިސް ނަމާދު ކުރިއެވެ. އަދި އައިސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ސަލާމް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ސަލާމަށް ޖަވާބު ދެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. އެނބުރިގޮސް ނަމާދު ކުރާށެވެ. ފަހެ ކަލޭ ނަމާދެއް ނުކުރެއެވެ. އެހިނދު އޭނާ އެނބުރިގޮސް ކުރިންވެސް ނަމާދު ކުރި ގޮތަށް ނަމާދުކޮށްފައި އައިސް އެކަލޭގެފާނަށް ސަލާމްދެންނެވިއެވެ. އަނެއްކާވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެނބުރިގޮސް ނަމާދު ކުރާށެވެ. ފަހެ ކަލޭ ނަމާދެއް ނުކުރެއެވެ. މިގޮތަށް ތިންފަހަރު ކަންތައް ހިނގުމުން އޭނާ އެކަލޭގެފާނަށް ދެންނެވިއެވެ. ޙައްޤުގޮތުގައި ކަލޭގެފާނު ފޮނުއްވި އިލާހު ގަންދީ ދަންނަވަމެވެ. މިއަށްވުރެ ރަނގަޅަށް ނަމާދުކުރާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަށް ދަސްކޮށްދެއްވާށެވެ!

އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. إِذَا قُمْتَ إِلَى الصَّلَاةِ فَكَبِّرْ ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنْ الْقُرْآنِ ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا ، ثُمَّ ارْفَعْ حَتَّى تَعْدِلَ قَائِمًا ، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا ، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا ، وَافْعَلْ ذَلِكَ فِي صَلَاتِكَ كُلِّهَا

ކަލޭ ނަމާދަށް ހުއްޓިއްޖެނަމަ، ތަކުބީރު ކިޔާށެވެ. ދެން އެއަށްފަހު ޤުރްއާނުން ތިބާއަށް ފަސޭހަ ތަނެއް ކިޔަވާށެވެ. އެއަށްފަހު ރުކޫޢުގައި ހަމަހިމޭންވެއްޖައުމަށްދާންދެން ރުކޫޢަށް ދާށެވެ. އެއަށްފަހު ތެދުވެ ހަމަހިމޭންވެއްޖެއުމަށްދާނދެން އިއުތިދާލުގައި ހުންނާށެވެ. އެއަށްފަހު ސަޖިދައިގައި ހަމަހިމޭންވެއްޖެއުމަށްދާންދެން ސަޖިދަކުރާށެވެ. އެއަށްފަހު އިށީނދެ ހަމަހިމޭންވެއްޖައުމަށް ދާންދެން (ދެސަޖިދަ ދެމެދު) އިށީންނާށެވެ. މިކަންތައް ތިބާގެ މުޅި ނަމާދުގައި ކުރާށެވެ.

މިޙަދީޘުން އެނގެނީ ހަމަހިމޭންކަމާއެކު ނަމާދުކުރުމަކީ ނަމާދުގެ ރުކުންތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމެވެ. އެހެން ކަމުން އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ ހަމަހިމޭންކަމާއި ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމެވެ. ނަމާދު ކުރަންޖެހެނީ އެގޮތަށްކަން ނޭނގޭ މީހުންނަށް އޯގާތެރިކަމާއި ޙިކުމަތްތެރިތެރިކަމާއެކު އުނގަންނައި ދޭށެވެ.

واللّـه أعلم




ޖަވާބު: (އެމްވީ އިސްލާމް ކިޔުއޭ)



ދީނީ ސުވާލާއި ޖަވާބު ހިމެނޭ އާ ވެބްސައިޓެއް އިފްތިތާޙް ކޮށްފި.

Saturday, January 2, 2010 0 comments


بسم الله الرحمن الرحيم

ޙަމްދުހުރީ އުޑުތަކާއި ބިން ނެތުމުގެ ތެރެއިން އުފައްދަވައި، އިންސާނުންނަށް ފެންނާނޭފަދައިން އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތައް ލެއްވެވި، ޚާލިޤުވަންތަ މާތްﷲ ސުބުޙާނަހޫ ވަތަޢާލާއަށެވެ. ގިނަގުނައިން ޞަލަވާތާއި ސަލާމާއި ބަރަކާތް ލެއްވުން އެދެނީ ޢާލަމްތަކަށް ރަޙުމަތެއްކަމުގައި ފޮނުއްވި ކައުއިތުރު ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައަށެވެ.

އެއަށްފަހު ދިވެހި އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް "އެމްވީ އިސްލާމް ކިއު.އޭ" ސައިޓަށް މަރުޙަބާ ދަންނަވަމެވެ.

މިސައިޓަކީ މާތްﷲގެ ވާގިފުޅާއެކު މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢުގައި އުފެދި އާލާވަމުންދާ ދީނީ ހޭލުންތެރިކަމާއި އެއްބައިވަންތަކަން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމުގެ މަތިވެރި ނިޔަތުގައި ހިންގަން ފެށިސައިޓެކެވެ. އަދިޚާއްޞަގޮތެއްގައި މިއަދުގެ ތަރައްޤީވެފައިވާ ވަޞީލަތްތައް ބޭނުންކޮށްގެން މާތްވެގެންވާ އިސްލާމްދީނުގެ މަޢްލޫމާތު އެންމެހައި ލޮބުވެތި އަޚުންނާއި އުޚްތުންނަށް ފޯރުކޮށްދިނުމުގެ މަތިވެރި ނިޔަތުގައި އިފްތިތާޙު ކުރެވުނު ސައިޓެކެވެ. އެގޮތުން މިސައިޓު ޚާއްޞަ ކުރެވިފައިމިވަނީ، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އުފެދޭ ދީނީ ސުވާލުތަކުގެ ޖަވާބު ވީހާވެސް ފުރިހަމަގޮތެއްގައި އެއްތަނަކުން ލިބޭނޭ ގޮތް ފަހިކޮށްދިނުމަށެވެ. ވީމާ މިސައިޓު ބޭނުން ކުރައްވައިގެން ތިބޭފުޅުންގެ ސުވާލުތަކުގެ ޖަވާބު ލިބޭނޭކަމަށް އަޅުގަނޑުމެން އުންމީދުކުރަމެވެ. އެގޮތުން ސައިޓުގެ މަޤްޞަދު ޙާސިލް ކުރުމަށްޓަކައި ތިޔަބޭފުޅުންގެ ފުރިހަމަ އެއްބާރުލުން ލިބޭނޭކަމަށް ޔަޤީންކުރަމެވެ.

ސައިޓުގެ މުޝްރިފުގެ ޙައިސިއްޔަތުން ތިބޭފުޅުން އިސްކަން ދެއްވަންވީ ބައެއް ނުކުތާތަށް މިތަނުގައި ޛިކުރު ކޮށްލުން މުހިއްމުކަމަށް ދެކެމެވެ. އެގޮތުން ސުވާލެއް ހުށަހެޅުއްވުމުގެ ކުރިން، ސައިޓުގައި އެސުވާލުގެ ޖަވާބު އިސްވެ ގޮސްފައިވޭތޯ އެބޭފުޅަކު ބޭނުންވެލައްވާ ސުވާލެއްގެ ކެޓަގަރީ އަށް ޒިޔާރަތް ކުރައްވާ ބެއްލެވުން އެދެމެވެ. އަދި ކެޓަގަރީ އިން ނުފެނިއްޖެނަމަ ފުރަތަމަ ސަފުޙާގައިވާ "ޖަވާބު ހޯދުމަށް" ބޭނުންކުރައްވައިގެން ބައްލަވާ ޔަޤީން ކުރެއްވުންއެދެމެވެ. އަދި އެފަދައިން ހޯދުމުގައި ސުވާލުގެ ކޮންމެވެސް މިންވަރެއް އެތަނުގައި ލިއުއްވާ "ސާރޗް" ކުރެއްވުމަށްފަހު ނަތީޖާގައިވާ ސަފުހާތައް ރަގަޅަށް ބައްލަވައި، ބޭނުންފުޅުވާ ސުވާލު ނެތްނަމަ އާ ސުވާލެއްގެ ގޮތުގައި ހުށަހެއްޅުއްވުން އެދެމެވެ.

އަދިހަމަ އެހެންމެ އެބޭފުޅެއްގެ ސުވާލު ލަފުޒުން ލަފުޒަށް ނެތްނަމަވެސް އެއާ ގުޅުންހުރިސުވާލުތަށްވެސް ބެއްލެވުން ރަނގަޅުވާނެ ކަމަށް ދެކެމެވެ.

އަދިހަމަ އެހެންމެ ސުވާލު ހުށަހަޅުއްވާއިރު އެބޭފުޅެއްގެ އަމިއްލަ ނަފްސަށާއި އަދި އެހެނިހެން މުސްލިމް ތަކުންނަށް އެއިން ފައިދާ ކުރާނޭފަދަ ބޭނުންތެރި ސުވާލުތަށް ހުށެހެޅުއްވުން އެދެމެވެ. އަދި ހުށަހަޅުއްވާ ސުވާލުތަކަކީ ޖަދަލެއްގެގޮތުން ނުވަތަ މަލާމާތެއްގެ ގޮތުގައި ހުށަހަޅާ ސުވާލަކަށް ނުހެއްދެވުމަށްވެސް ދަންނަވަމެވެ.

ސުވާލު ހުށަހަޅުއްވާ ފޯމުގައިވާ ގޮޅިތައް ފުރުއްވާއިރު އީ-މެއިލް އެޑްރެސް ޖައްސަވާތަނުގައި ރަނގަޅު އެޑްރެހެއް ޖެއްސެވުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެނީ ސުވާލާ ބެހޭގޮތުން އިތުރު މައުލޫމާތެއް އޮޅުން ފިލުވަންޖެހިއްޖެ ނަމަވެސް އެކަމުން އެހީތެރިވެދޭނެތީއެވެ. އަދިހަމައެހެންމެ އެބޭފުޅެއްގެ ސުވާލުގެ ޖަވާބު ދެވިއްޖެކަން އީ-މެއިލްގެ ޒަރީޢާއިން އެބޭފުޅަކަށް އަންގައިދެވޭނެއެވެ. އަދި ހަމަ އެއާއެކު ސައިޓުގައި އެސުވާލާއި އަދި އޭގެ ޖަވާބު ޝާއިޢު ކުރެވޭނެއެވެ. ނަމަވެސް އެއްވެސް ބޭފުޅެއްގެ އަމިއްލަފުޅު ޒާތީ ސުވާލެއް ހުށަހަޅުއްވައިފިނަމަ، އެސުވާލެއްގެ ޖަވާބު ޢާއްމުކޮށް ފެންނާނޭފަދައިން ސައިޓުގައި ޝާއިޢު ނުކުރާނޭވާހަކަ ތިބޭފުޅުންގެ މަޢްލޫމާތައްޓަކައި ދަންނަވަމެވެ. އަދި އެފަދަ ބޭފުޅުންނަށް ހަމައެކަނި އީމެއިލްގެ ޒަރީޔާއިން ޖަވާބު އެރުވޭނޭ ވާހަކަވެސް ދަންނަވަމެވެ.

ދުޢާޔަކީ މާތްﷲ އަޅުގަނޑުމެންގެ މިމަސައްކަތުގައި ބަރަކާތްލައްވައި، މިކަމަކީ ހަމައެކަނި ﷲގެ ވަޖްހުފުޅައްޓަކައި ޚާލިޞްކޮށް ކުރެވޭ ކަމެއްކަމުގައި ލައްވަވައި، އަދި އެންމެހައި މުސްލިމުންނަށް މިކަމުން ފުރިހަމަ ފައިދާލިބުމެވެ.

والسلام عليكم ورحمة الله و بركاته

ޢަލީ ޒާހިރު ޢަބްދުލްމައްނާން

ސައިޓުގެ މުޝްރިފް

www.mvislamqa.com