ނަމާދު ކުރުމުގަ އަވަސް އަރުވާލުން

Thursday, January 7, 2010
އަޅުގަނޑުގެ ސުވާލަކީ ނަމާދު ކުރާއިރު ބައެއް ބޭރުމީހުން، މިސާލަކަށް ބަންގާޅު / ލަންކާ މީހުން، ވަރަށް އަވަސް އަރުވާލައިގެން ހުރިހާ ނަމާދެއް ކޮށް ނިންމާލައެވެ. ނުވަތަ ނަމާދުގައި ކިޔާތަކެތި އޭނާއަށްވެސް ނޭނގޭހާ ހަލުއިކޮށް ނަމާދު ނިންމާލައެވެ. މިގޮތަށް ނަމާދުކުރުން ރަނގަޅުވާނެތޯ؟


بــســــــــــــــم اللّـه. الحمد للّـه وحده والصلاة والسلام على من لا نبي بعده.

ނަމާދަކީ ﷲ އާއި އަޅާއާއި ދެމެދުގައި ގުޅާލެލޭ ގުޅާލެވުމެކެވެ. އެއީ މުއުމިނުންގެ މިޢުރާޖެވެ. އިސްލާމްދީނުގެ ތަނބެވެ. އެތަނބު މުގުރާލައިފި މީހާ އޭނާގެ ދީން މުގުރާލައިފިއެވެ. އެތަނބު ޤާއިމުކޮށްފި މީހާ އޭނާގެ ދީން ޤާއިމުކޮށްފިއެވެ.

ނަމާދަކީ ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިވެގެންވާ އަޅުކަމެވެ. މިއަޅުކަން އަދާކުރަންޖެހޭގޮތް މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ދަސްކޮށްދެއްވާފައެވެ.

ނަމާދުގައި ކުރަންޖެހޭނީ މަޑުމައިތިރިކަމާއި ޚުޝޫޢަތްތެރިކަމާއެކުގައެވެ. ތިމާ މިވަގުތު ހުއްޓި މިހުރީ ޢާލަމްތަކުގެ ވެރި އިލާހުގެ ދަރުބާރުގައި އެއިލާހަށް މުނާޖާ ދެންނެވުމުގައި ކަން ދަނެގެންނެވެ. އެހެންކަމުން ނަމާދު ކުރަންޖެހޭނީ މަޑުމައިތިރިކަމާއެކުގައެވެ.

އެއްދުވަހަކު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް މިސްކިތުގައި ވަޑައިގެން އިންނަވަނިކޮށް މީހަކު އައިސް ނަމާދު ކުރިއެވެ. އަދި އައިސް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްއަށް ސަލާމް ދެންނެވިއެވެ. އެހިނދު އެކަލޭގެފާނު ސަލާމަށް ޖަވާބު ދެއްވުމަށްފަހު ޙަދީޘްކުރެއްވިއެވެ. އެނބުރިގޮސް ނަމާދު ކުރާށެވެ. ފަހެ ކަލޭ ނަމާދެއް ނުކުރެއެވެ. އެހިނދު އޭނާ އެނބުރިގޮސް ކުރިންވެސް ނަމާދު ކުރި ގޮތަށް ނަމާދުކޮށްފައި އައިސް އެކަލޭގެފާނަށް ސަލާމްދެންނެވިއެވެ. އަނެއްކާވެސް އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އެނބުރިގޮސް ނަމާދު ކުރާށެވެ. ފަހެ ކަލޭ ނަމާދެއް ނުކުރެއެވެ. މިގޮތަށް ތިންފަހަރު ކަންތައް ހިނގުމުން އޭނާ އެކަލޭގެފާނަށް ދެންނެވިއެވެ. ޙައްޤުގޮތުގައި ކަލޭގެފާނު ފޮނުއްވި އިލާހު ގަންދީ ދަންނަވަމެވެ. މިއަށްވުރެ ރަނގަޅަށް ނަމާދުކުރާކަށް އަޅުގަނޑަކަށް ނޭނގެއެވެ. އަޅުގަނޑަށް ދަސްކޮށްދެއްވާށެވެ!

އެހިނދު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. إِذَا قُمْتَ إِلَى الصَّلَاةِ فَكَبِّرْ ، ثُمَّ اقْرَأْ مَا تَيَسَّرَ مَعَكَ مِنْ الْقُرْآنِ ، ثُمَّ ارْكَعْ حَتَّى تَطْمَئِنَّ رَاكِعًا ، ثُمَّ ارْفَعْ حَتَّى تَعْدِلَ قَائِمًا ، ثُمَّ اسْجُدْ حَتَّى تَطْمَئِنَّ سَاجِدًا ، ثُمَّ ارْفَعْ حَتَّى تَطْمَئِنَّ جَالِسًا ، وَافْعَلْ ذَلِكَ فِي صَلَاتِكَ كُلِّهَا

ކަލޭ ނަމާދަށް ހުއްޓިއްޖެނަމަ، ތަކުބީރު ކިޔާށެވެ. ދެން އެއަށްފަހު ޤުރްއާނުން ތިބާއަށް ފަސޭހަ ތަނެއް ކިޔަވާށެވެ. އެއަށްފަހު ރުކޫޢުގައި ހަމަހިމޭންވެއްޖައުމަށްދާންދެން ރުކޫޢަށް ދާށެވެ. އެއަށްފަހު ތެދުވެ ހަމަހިމޭންވެއްޖެއުމަށްދާނދެން އިއުތިދާލުގައި ހުންނާށެވެ. އެއަށްފަހު ސަޖިދައިގައި ހަމަހިމޭންވެއްޖެއުމަށްދާންދެން ސަޖިދަކުރާށެވެ. އެއަށްފަހު އިށީނދެ ހަމަހިމޭންވެއްޖައުމަށް ދާންދެން (ދެސަޖިދަ ދެމެދު) އިށީންނާށެވެ. މިކަންތައް ތިބާގެ މުޅި ނަމާދުގައި ކުރާށެވެ.

މިޙަދީޘުން އެނގެނީ ހަމަހިމޭންކަމާއެކު ނަމާދުކުރުމަކީ ނަމާދުގެ ރުކުންތަކުގެތެރޭގައި ހިމެނޭ ކަމެއް ކަމެވެ. އެހެން ކަމުން އެންމެހާ މުސްލިމުންގެ މައްޗަށް ވާޖިބުވެގެން ވަނީ ހަމަހިމޭންކަމާއި ޚުޝޫޢަތްތެރިކަމާއެކު ނަމާދު ކުރުމެވެ. ނަމާދު ކުރަންޖެހެނީ އެގޮތަށްކަން ނޭނގޭ މީހުންނަށް އޯގާތެރިކަމާއި ޙިކުމަތްތެރިތެރިކަމާއެކު އުނގަންނައި ދޭށެވެ.

واللّـه أعلم




ޖަވާބު: (އެމްވީ އިސްލާމް ކިޔުއޭ)



0 comments:

Post a Comment