ނަމާދު ކުރާއިރު ލާފޭރާމުގައި ސޫރަހުރުން

Thursday, February 4, 2010
ނަމާދު ކުރާއިރު ލާފޭރާމުގައި ދޫނިސޫފާ ސޫއްޕާއި، ވަލުޖަނަވާރު ފަދަ ތަކެތީގެ ސިފަ ކުރަހާފައިވާނަމަ އެކުރި ނަމާދެއް ސައްޙަވާނެތޯއެވެ؟ އަދި ނަމާދު ކުރާއިރު ލުން އެންމެ ރަނގަޅު ފޭރާމަކީކޮބައިތޯއެވެ؟
އެމްވީ އިސްލާމް ކިޔުއޭ
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ފުރަތަމަ ބައި

އިންސާނުން ލައި އުޅޭ ފޭރާންތަކުގެ ތެރެއިން ވަރަށް މަދު ބާވަތެއްގެ ފޭރާން ފިޔަވައި ދެން ހުރިހާ ބާވަތެއްގެ ފޭރާން މާތް ﷲވަނީ ހުއްދަކުރައްވާފައެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. هُوَ الَّذِي خَلَقَ لَكُمْ مَا فِي الأَرْضِ جَمِيعاً (البقرة 29) "އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ބިމުގައިވާ އެންމެހައި ތަކެތި ހެއްދެވި ރަސްކަލާނގެއެވެ." އެކަލާނގެ މަނާ ކުރައްވާފައިވާ ފޭރާންތަކުގެ ތެރެއިން ދޫނިސޫފާ ސޫއްޕާއި ވަލުޖަނަވާރުފަދަ ތަކެތީގެ ސިފަ ކުރުހާފައި ހުރި ފޭރާންތައް ހިމެނެއެވެ.
މިގޮތުން ފޭރާމުގައި ދޫނިސޫފާއި ސޫއްޕާއި ވަލުޖަނަވާރުފަދަ ތަކެތީގެ ސިފަ ހުރުމަކީ ހުއްދަކަމެއް ނޫނެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްފުޅު ކުރެއްވިއެވެ. إِنَّ الْمَلاَئِكَةَ لاَ تَدْخُلُ بَيْتًا فِيهِ صُورَةٌ .متفق عليه " ހަމަކަށަވަރުން ސޫރައެއް ހުރި ގެއަކަށް މަލާއިކަތްބޭކަލުން ވެދެވަޑައި ނުގަންނަވާނެއެވެ." އަދިވެސް މިކަން މަނާކުރައްވައި އެތައް ގިނަ ހަދީޘްފުޅުތަކެއް އައިސްފައިވެއެވެ. އެހެންކަމުން މިފަދަ ހެދުން މުސްލިމުން ލައި ހަދައިގެން ނުވާނެއެވެ.

ނަމާދަކީ އަޅާ މާތް ﷲ އާއި އެންމެ ކުށްތަންވެވޭ އެއް އަޅުކަމެވެ. އެހެން ކަމުން ނަމާދަށް އައިސް އެމަތިވެރި މަގާމުގައި އަޅާ ހުއްޓެންވާނީ އެއިލާހު ރުހިވޮޑިގަންނަވާފަދަގޮތަކަށެވެ. އޭނާގެ ސާފު ތާހިރު ކަމާއި މަޑުމޮޅިކަމާއި އަދި ލައިގެން ހުންނަ ފޭރާމުންވެސް މިކަން ދައްކުވައިދޭން ޖެހޭނެއެވެ. ވީމާ އިންސާނެއް ނުވަތަ ދޫނިސޫފާސޫފީގެ ސޫރައެއް ކުރަހާފައި ހުރި ފޭރާމެއް ލައިގެން ނަމާދުކޮށްގެން ނުވާނެއެވެ. އެއީ ހުއްދަކަމެއް ނޫނެވެ. އަދި އެކަމުގެ ޝަރުޢީ ޙުކުމް އެނގިހުރެ އެފަދައިން ނަމާދުކޮށްފިނަ ފާފަވެރިވާނެއެވެ. ނަމަވެސް އިންސާނެއް ނުވަތަ ދޫނިސޫފާސޫތްޕެއްގެ ސޫރައެއް ކުރަހާފައި ހުރި ފޭރާމެއް ލައިގެން ނަމާދު ކުރާމީހާގެ ނަމާދު ޞައްޙަވާނެއެވެ.(އެބަހީ ދެވަނަ ފަހަރަށް ނަމާދު އިއާދަކުރާކަށް ނުވަތަ ގަޟާ ކުރާކަށް ނުޖެހޭނެއެވެ.) ނަމަވެސް އެނަމާދުން ލިބެންވާ ފުރިހަމަ ދަރުމަޔާ ޘަވާބު ނުލިބޭނެއެވެ. ނޭގި މިފަދަ ކަމެއް ކުރިން ކުރެވިފައިވާމީހެއްނަމަ މާތް ﷲ ގެ ހަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ. އެކަލާނގެއީ އެންމެ އޯގާވަންތަ ރަސްކަލާނގެއެވެ.

ދެވަނަ ބައި

ނަމާދުގައި ލާންވީ ފޭރާމާ ބެހޭގޮތުން މާތް ﷲ ވަޙީ ކުރެއްވިއެވެ.

يَا بَنِي آدَمَ خُذُوا زِينَتَكُمْ عِنْدَ كُلِّ مَسْجِدٍ (الأعراف 31)

" އޭ آدمގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ތަނެއްގައި، ޒީނަތްތެރިކަން ހިފާށެވެ!"

ވީމާ، ނަމާދުގައި ވަކި ޚާއްސަ ބާވަތެއްގެ ފޭރާމެއް ލާކަށްނުޖެހެއެވެ. ނަމަވެސް އައުރަ ނިވާކޮށްދޭ، ހަށިގަނޑުގެ ވަނާތައް ނޭނގޭގޮތައް ހުންނަ އަދި އެމުޖުތަމައެއްގެ މީހުން މިސްކިތްތައް ފަދަ ހުރުމަތްތެރިވެގެންވާ ތަންތަނަށް ލައިގެން ދާވަރުގެ ޒީނަތްތެރި ފޭރާމެއްކަމަށް ދެކޭ ކޮންމެ ފޭރާމެއްވެސް ރަނގަޅުވާނެއެވެ. والله أعلم


އެމްވީ އިސްލާމް ކިޔުއޭ

0 comments:

Post a Comment