ނުކޮށް ދޫކޮށްފައިވާ ނަމާދުތަކުގެ ޙުކުމް

Friday, February 12, 2010
ކުރިން ނުކުރެވި ދޫކޮށްފައިވާ ނަމާދުތަކުގެ ޙުކުމަކީ ކޮބައިތޯ؟


އެމްވީ އިސްލާމް ކިޔުއޭ

الحمد لله والصلاة والسلام على رسول الله وبعد:

ނަމާދަކީ އިސްލާމުދީނުގައި ވަރަށް މަތިވެރި މަގާމެއް ދެވިފައިވާ އަޅުކަމެކެވެ. އެއީ އިސްލާމްދީނުގެ ތަނބެވެ. އަމަލުތަކުގެ ތެރެއިން މާތްﷲ އެންމެ ބޮޑަށް ލޯބިވެވޮޑިގަންނަވާ އަމަލެވެ. އަދިގިޔާމަތްދުވަހު އެންމެ ފުރަތަމަ ހިސާބުބެއްލެވޭނެ ކަމަކީވެސް އެއީއެވެ.
އެހެންކަމުން ނަމާދުތަކަށް ފަރުވާކުޑަކޮށް ނަމާދުތައް އެޅުމަކީ ވަރަށް ބޮޑުފާފައެކެވެ. މާތްﷲ ވަޙީކުރެއްވިއެވެ.

فَخَلَفَ مِنْ بَعْدِهِمْ خَلْفٌ أَضَاعُوا الصَّلاةَ وَاتَّبَعُوا الشَّهَوَاتِ فَسَوْفَ يَلْقَوْنَ غَيّاً (59) إِلاَّ مَنْ تَابَ وَآمَنَ وَعَمِلَ صَالِحاً فَأُوْلَئِكَ يَدْخُلُونَ الْجَنَّةَ وَلا يُظْلَمُونَ شَيْئاً (60)(سورة مريم)

(59)ފަހެ، އެބޭކަލުންނަށްފަހ،(އެބަހީ އިސްވެދިޔަ އާޔަތްތަކުގައި ބަޔާން ވެގެންދިޔަ ނަބީބޭކަލުންނާއި އެބޭކަލުންނަށް ތަބާވި ސާލިހު ބޭކަލުންނަށް ފަހު)، އެހެންބަޔަކު އައެވެ. އެއުރެން ނަމާދު ދޫކޮށްލިއެވެ. އަދި هوى نفسގެ އެދުންތަކަށް تبعވިއެވެ. ފަހެ، ނިކަންހުރެ އެއުރެން ހަލާކާ ކުރިމަތިލާހުށްޓެވެ!

(60)توبةވެ، އަދި، إيمانވެ، އަދި صالح عملކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެން ސުވަރުގެއަށް ވަންނާނެތެވެ. އަދި އެއުރެންނަށް އެއްވެސް ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ.
ހަނދާން ނެތިގެން ނުވަތަ ނިދިގެން ނަމާދެއް ވަގުތުން ފާއިތުވެއްޖެނަމަ، ހަނދާންވުމުން ނުވަތަ ހޭލެވުމުން އޭނާ ނަމާދު ކުރާނީއެވެ. މިމައްސަލައިގައި ޢިލްމުވެރިން އިއްތިފާގުވެފައި ވެއެވެ.

ނަމަވެސް ގަސްދުގައި ނަމާދުގެ ވަގުތު ފާއިތުވަންދެން އެއްވެސް ޝަރުޢީ އުޒުރެއް ނެތި (މިސާލު: ހަނދާން ނެތުން، ނިދުން) ލަސްކޮށްފިމީހާއަކަށް ގަޟާކުރުމެއް ނެތެވެ. މިއީ މިކަމުގައި ގިނަ ދަންނަ ބޭކަލުން ބުރަވެ ވަޑައިގަންނަވާ ގޮތެވެ. އެހެނީ މިފަދަ މީހުން ގަޟާކުރަން ޖެހޭނެ ކަމަށް ނުވަތަ ކުރާ ގަޟާނަމާދުތައް ޞައްޙަވާނެކަން އެނގެން އެއްވެސް ޝަރުއީ ދަލީލެއްނެތުމުންނެވެ.

މިއީ މިގޮތަށް ނަމާދު އަޅާ މީހުންނަށް އޮތް ލުއި ފަސޭހަކަމެއްނޫނެވެ. ނަމަވެސް މިކަމުގެ ނުބައިކަމާ އަދި ބޮޑުކަން ބަޔާންކޮށްދޭކަމެކެވެ.

ވީމާ ސަލާމަތްކަން އޮތީ ފުރިހަމަ ތައުބާ އަކުން މާތްﷲ ކިބައަށް ތައުބާވެ ކުރިއަށް އޮތްތާގައި ފަރުޟުނަމާދުތައް ފުރިހަމައަށް އަދާކޮށް އަދިވެސް އެނޫން ހެޔޮ އަމަލުތައްވެސް އިތުރުކުމެވެ. މާތްﷲ އީ އެންމެ އޯގާވަންތަ ރަޙީމްވަންތަ އަދި ތައުބާވާމީހުންދެކެ ލޯބިވޮޑިގަންނަވާ އިހާހެވެ. އެކަލާނގެ ވަހީކުރެއްވިއެވެ.

وَالَّذِينَ إِذَا فَعَلُوا فَاحِشَةً أَوْ ظَلَمُوا أَنْفُسَهُمْ ذَكَرُوا اللهَ فَاسْتَغْفَرُوا لِذُنُوبِهِمْ وَمَنْ يَغْفِرُ الذُّنُوبَ إِلاَّ اللَّهُ وَلَمْ يُصِرُّوا عَلَى مَا فَعَلُوا وَهُمْ يَعْلَمُونَ (135) أُوْلَئِكَ جَزَاؤُهُمْ مَغْفِرَةٌ مِنْ رَبِّهِمْ وَجَنَّاتٌ تَجْرِي مِنْ تَحْتِهَا الأَنْهَارُ خَالِدِينَ فِيهَا وَنِعْمَ أَجْرُ الْعَامِلِينَ (136)(سورة آل عمران)

(135) އަދި، އެއުރެންނީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއްކޮށްފިނަމަ، ނުވަތަ، އެއުރެންގެ نفسތަކަށް އަނިޔާވެރިވެއްޖެނަމަ، (އެބަހީ: ކިތަންމެ ކުޑަނަމަވެސް ފާފައެއް ކޮށްފިނަމަ) اللَّه ހަނދުމަކޮށް، އެއުރެންގެ ފާފަތައް ފުއްސެވުންއެދި دعاءކޮށް އުޅޭމީހުންނެވެ. اللَّه ފިޔަވައި ފާފަފުއްސަވާނީ ފަހެ، ކާކުހެއްޔެވެ؟ އަދި، އެއުރެން ދެނެތިބި حال އެއުރެން ކުޅަ ކުށުގެ މަތީގައި ދެމިއެއް ނުތިބެއެވެ.

(136) އެއުރެންގެ ޖަޒާޔަކީ އެއުރެންގެ ވެރިރަސްކަލާނގެ حضرةން ފާފަފުއްސެވުމެވެ. އަދި، އެތަންތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކެވެ. އެތަންތާނގައި އެއުރެން ދެމިތިބޭ حالގައެވެ. ހެޔޮ عملކުރާ މީހުންނަށް ހުރި ދަރުމައެއްގެ މޮޅުކަމާއެވެ!

والله تعالى أعلم.

0 comments:

Post a Comment