ފަންޑިތައިން ސަލާމަތްވުން

Tuesday, February 9, 2010

ޖެހިފައިވާ ފަންޑިތަ ވެރިކަމަކުން ސާލާމަތްވާނީ ކިހިނެއް؟



އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް



الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ސިހުރެއް ނުވަތަ ފަންޑިތަވެރިކަމެއް ޖެހިފައިވާކަން ޔަގީން ނަމަ އެކަމުން ސަލާމަތްވުމަށްޓަކައި އޮތް ޞައްހަ މަގަކީ ޤުރްއާނާއި ސުންނަތުން ސާބިތު ޝަރުޢީ ދުޢާތަކުން ދުޢާކުރުމާއި މެތުރުމެވެ.
ހުރިހާ ކަމަކީވެސް މާތް ﷲގެ ޤުދުރަތްތެރި ކަމުގެ ތެރެއިން ވާ ކަމެކެވެ. ކަމެއް ކުރިމަތިވަނީވެސް އެކަލާނގެ އިޛުނަ ފުޅުންނެވެ. އަދި އެކަމުގެ ހައްލާއި ޝިފާވެސް ލިބެނީ އެކަލާނގެ ހަޟުރަތުންނެވެ. ވީމާ ކޮންމެ ކަމަކަށް އެދިގެންވެސް ހެޔޮ އަމަލު ގިނަކޮށް ދީނީ ވާޖިބުތަކަށް ރައްކާތެރިވުމާއި އެކުގައި މެދުކެނޑުމެއް ނެތި މާތް ﷲ އަށް ދުޢާ ދަންނަވައި އިސްތިޣްފާރު ކުރުން ގިނަ ކުރުމަކީ ކޮންމެހެން ލާޒިމު ކަމެކެވެ.

ހަމައެފަދައިން ޝަރުޢީ ދުޢާތަކާއި ވިރުދުތަކުން މެތުރުމެވެ. އެއްމެ ރަނގަޅު ގޮތަކީ އެފަދަ ދުއާތައް ދަސްކޮށް އަމިއްލައަށް އަމިއްލަ ނަފްސަށް ފަރުވާ ކުރުމެވެ. އިތުރުއެކަލޭގެފާނާއި އެކެލޭގެފާނުންގެ މާތް އަސްހާބުންގެ އަރިހުން ބަލިވުމާއި ފަންޑިތަ ސިހުރު ފަދަ ކަންކަމުގައި ކީރިތި ޤުރްއާނާއި ދުޢާ އިން މެތުރުން ސާބިތުވެއެވެ. أم المؤمنين عائشة رضي الله عنها ގެ އަރިހުން ރިވާވެގެން ވެއެވެ. (( أن رسول الله صلى الله عليه وسلم كان إذا اشتكى يقرأ على نفسه بالمعوذات وينفث فلما اشتد وجعه كنت أقرأ عليه وأمسح بيده رجاء بركتها )) البخاري ( 4728 ) ومسلم (2192). މާނައަކީ: "އިތުރު އެކަލޭގެފާނަށް އާލާސްކަންފުޅެއް ޖެހިއްޖެ ނަމަ 'މުޢައްވިޛާތު' (ރައްކާތެރިކަމަށް އެދި ދަންނަވާ ސޫރަތްތައް) ވިދާޅުވެ އަތްޕުޅަށް ފުންމަވައި އެކަލޭގެފާނުންގެ އަމިއްލަފުޅަށް މަތުރުއްވައެވެ. އަދި އެކަލޭގެފާނުންގެ އާލާސްކަންފުޅު ގަދަވެ އަމިއްލަ ފުޅަށް އެކަން ނުކުރެވޭ ވަރު ވުމުން ތިމަން ކަމަނާ އެކަލޭގެފާނުންގެ އަތްޕުޅަށް ކިޔަވައި އެކަލޭގެފާނުންގެ އަތްޕުޅުގެ ބަރަކާތަށްޓަކައި އެކަލޭގެފާނުންގެ އަތްޕުޅުން އެކަލޭގެފާނުންގެ ހަށިކޮޅުގައި ފިރުއްމަވަމެވެ." މުޢައްވިޛާތު ސޫރަތް ތަކަކީ: ( قُلْ هُوَ اللَّهُ أَحَدٌ) އާއި ( قُلْ أَعُوذُ بِرَبِّ الْفَلَقِ) އާއި ( قُلْ أَعُوذُ بِرَبِّ النَّاسِ) އެވެ. އިތުރު އެކަލޭގެފާނު މި ސޫރަތްތަކުން މެތުރުއްވެވި ގޮތަކީ: "ދެއަތްތިލަ އެއް އަތްތިލަ އަނެއް އަތްތިލައާއި ޖައްސައި، 'އިޚްލާސް ފަލަގި ނާސި' ( قُلْ هُوَ اللَّهُ أَحَدٌ) އާއި ( قُلْ أَعُوذُ بِرَبِّ الْفَلَقِ) އާއި ( قُلْ أَعُوذُ بِرَبِّ النَّاسِ) ތިން ސޫރަތް ކިޔަވައި، ދެ އަތްތިލައަށް ފުމެލުމަށްފަހުގައި ބޮލާއި މޫނުން ފަށައިގެން މުޅި ހަށިގަނޑުގައި، އަތްފޯރާ ހުރިހައި ހިސާބެއް ދެއަތް ފިރުމާނީއެވެ. މިގޮތަށް ތިން ފަހަރު ހަދަން ވާނެއެވެ." البخاري. ފުމެލާ އިރު ކުޑަކޮށް ކުޅުގެ ތެއްކަން ހުންނަވަރަށް ނުވަތަ ހަމަ އެކަނި ވައި ދާގޮތަށް، ދެގޮތްވެސް ރަނގަޅެވެ.

ހަމަ އެފަދައިން އަސްހާބުންގެ ޖަމާއަތެއްގެ ބޭކަލުން ކުރެއްވެވި ދަތުރެއްގައި މީހެއްގެ ގަޔަށް ހަރުފައެއް ވިހަލައިގެން އެމީހުން އެބޭކަލުންގެ ގާތުން ފަރުވާއަކަށް އެދުމުން އެއިން ބޭކަލަކު އެމީހާގެ މައްޗަށް 'ފާތިހާ ސޫރަތް' ކިޔަވައި މެތުރުއްވުމުން އެމީހާ ރަނގަޅުވިއެވެ. އަދި އިތުރު އެކަލޭގެފާނުންގެ ގާތަށް ޚަބަރު އައުމުން މެތުރި ބޭފުޅާއަށް ހަދީޘްކުރެއްވިއެވެ. 'ފާތިހާ ސޫރަތަކީ' މެތުރުމެއް ކަން އެނގުނީ ކިހިނެއް ހެއްޔެވެ!؟ ތިޔަބައިމީހުން ތިޔަ ކުރީ ރަނގަޅަށެވެ. މިރިވާޔަތް ނެރުއްވީ البخاري އާއި مسلم އެވެ. 'އާޔަތުލް ކުރްސީ' ހަމަ އެފަދައެވެ. އަދިވެސް ބައެއް ދުއާތައް ސައްހަ މަގުން ވާރިދުވެފައި ވެއެވެ.

އަޤީދާ އާއި ދީންވެރިކަން ސަލާމަތުން ހުރި ޝަރުއީ ދުޢާތަކާއި މެތުރުން ދަންނަ ރަނގަޅު ބޭފުޅެއްގެ ގާތުން މެތުރުމަތީވެސް ހުއްދަ ކަމެކެވެ. އަންހެނެއް ނަމަ ކައިވެނި ހެޔޮ މީހެއްގެ ގާތުންނެވެ. ނަމަވެސް މީހެއްގެ ގާތުގައި މަތުރައިދިނުމަށް ނޭދި އަމިއްލައަށް ފުއްދައިލުމަކީ ތައުރީފު ލިބިގެންވާ ކަމެކެވެ.

ހަމައެފަދައިން ޠިއްބުއް ނަބަވީގައި ސާބިތުވާ ބައެއް ފަރުވާވެސް ވެއެވެ. އޭގެތެރޭގައި ޒަމްޒަމް ފެނަކީ ކޮންމެ ކަމަކަށް ފަރުވާއެކެވެ. مسلم (2473) ރިވާކުރެއްވި ހަދީޘެއްގައި ވެއެވެ. (( إِنَّهَا مُبَارَكَةٌ...)) "ޒަމްޒަމް ފެނަކީ ބަރަކާތްތެރި އެއްޗެކެވެ. أبو داود الطيالسي ޞައްހަ ސަނަދުން ރިވާކުރައްވާފައި ވެއެވެ. (( إنها طعام طعم وشفاء سقم )) "ޒަމްޒަމް ފެނަކީ ބަނޑުހައިކަން ފިލުވައިދޭ ކާއެއްޗެކެވެ. އަދި ބަލިމަޑުކަމަށްޓަކައި ޝިފާއެކެވެ." ހަމަ އެފަދައިން މަދީނާގެ ކަދުރު ނުވަތަ އަޖުވާ ކަދުރަކީ ވެސް ބަލިތަކާއި ސިހުރުފަދަ ކަންތައްތަކަށް ޝިފާއެކެވެ. އެގޮތުން ހެނދުނު ރޯގޮހޮރާއި މަދީނާގެ ކަދުރު ނުވަތަ އަޖުވާ ކަދުރުގެ ހަތް ކަދުރު ކައިފި މީހަކަށް އެދުވަހުގައި ވިހައެއް އަދި ސިހުރެއް ނުޖެހޭނެ ކަމުގައި އިތުރު އެކަލޭގެފާނުންގެ އަރިހުން ސައްހަ މަގުން ސާބިތު ވެއެވެ.

ނުރައްކާތެރި ބަލިތަކުންނާއި ސިހުރުފަދަ ކަންކަމުން މާތް ﷲ އެއްމެހައި މުސްލިމުން ސަލާމަތް ކުރައްވައި، އެކަލާނގެ ޝަރުޢު ކުރެއްވި ގޮތުގައި އެފަދަ ކަންކަމަށް ޢިލާޖު ކުރުމުގެ ތައުފީގު ދެއްވައި އެއްމެހައި ބަލިތަކަށް ޝިފާ ދެއްވާށި! އާމީން.. والله أعلم

ޖަވާބު ދެއްވީ – އައްޝައިޚް އާދަމް ޝަމީމް އިބްރާހީމް –

ގުޅުންހުރި ޖަވާބު 166 ، 285 ، 286

0 comments:

Post a Comment